އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

ޑައިލިސިސް ސެންޓަރު – އެވްރެޖްކޮށް ދުވާލަކު 50-60 އާދެމެދުގެ އަދަދަކަށް މީހުން ޚިދުމަތް ހޯދާ

ފެން ސާފުކުރާ ޕްލާންޓްތަކަށްވުރެ މާބުރަ އަދި މާގިނަ މަސައްކަތް އިންސާނާގެ ކިޑްނީއިން ކުރެއެވެ. ކިޑްނީގެ އެންމެ މުހިއްމު އެއް ދައުރަކީ ހަށިގަނޑުގައިވާ ފެނާއި އެހެނިހެން މާއްދާތައް ނުވަތަ ކެމިކަލްސް އެހުންނަންޖެހޭ މިންވަރަށް ހަށިގަނޑުގައި ބެހެއްޓުމެވެ. ކިޑްނީ މި މަސައްކަތް މިގޮތުގައި ކުރަނީ ލޭ ސާފުކޮށްގެނެވެ. ދުޅަހެޔޮ ކިޑްނީއެއްނަމަ ދުވާލަކު 24 ގަޑިއިރު، ހަފްތާގެ 7 ދުވަހު މެދުކެނޑުމެއްނެތި ލޭސާފުކުރުމުގެ މަސައްކަތްކުރާނެއެވެ.


އެވެރެޖްކޮށް ދުވާލަކު ގާތްގަނޑަކަށް 2 ލީޓަރު ފެން ކުޑަކަމުދާތަކެތީގެ ގޮތުގައި ކިޑްނީއިން އުފައްދާ، ބްލެޑާއިން ބޭރުކޮށްދެއެވެ. ކިޑްނީގައި ކުދިކުދި މިލިޔަނެއްހާ “ނެފްރޯންސް” ނުވަތަ ފުރޭނި ހުރެއެވެ. ނުސާފުލޭ ކިޑްނީއަށް އައުމުން މި ނެފްރޯންސްތަކުން އެތަކެތި ފުރާނާ، ބޭނުންވާތަކެތި ބެހެއްޓުމަށްފަހު، ދެން ހުރި ތަކެތި ވަކިކޮށްލައެވެ. މީގެ އިތުރުން، ކިޑްނީއިން ލޭގެ ޕްރެޝަރ ކޮންޓްރޯލްކުރާ ހޯމޯންއާއި އަދި ބައެއް އެހެނިހެން ހޯމޯންވެސް އުފައްދައެވެ.

ކިޑްނީ ފެއިލްވުމުގެ މައްސަލައަކީ ރާއްޖޭގައިވެސް މިހާރު ކަންބޮޑުވާ މިންވަރަށް ފާހަގަކުރެވެމުންދާ މައްސަލައެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 185 މީހުން ކިޑްނީ ފެއިލްވުމުގެ ސަބަބުން ހަމައެކަނި އައި.ޖީ.އެމް.އެޗްގެވެސް މިވަގުތު ޑައިލިސިސްގެ ޚިދުމަތް ހޯދަމުންގެންދެއެވެ. ކިޑްނީ ފެއިލްވުމަށް މައިގަނޑުގޮތެއްގައި މެދުވެރިވާ ދެ ސަބަބަކީ ހަކުރު ބައްޔާއި، ލޭގެ ޕްރެޝަރ މައްޗަށް ދިއުމެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

ކިޑްނީ ދެގޮތަކަށް ފެއިލްވެދާނެއެވެ. ފުރަތަމަ ގޮތަކީ، އެކިޔުޓް ކިޑްނީ ފެއިލިއަރ ނުވަތަ ވަގުތީގޮތުން ކިޑްނީ ފެއިލްވުމެވެ. މިހެން ދިމާވަނީ ބައްޔެއްގެ ސަބަބުން ނުވަތަ ހަށިގަނޑުގެ ތެރެއަށް ދާ ވިހައެއްގެ ސަބަބުން ކިޑްނީއަށް ބާރުބޮޑުވުމުންނެވެ. ދެވަނަ ގޮތަކީ ކްރޮނިކް ކިޑްނީ ފެއިލިއަރ ނުވަތަ ދާއިމީގޮތަކަށް ކިޑްނީ ފެއިލްވުމެވެ. މިއީ މަޑުމަޑުން ކިޑްނީ ފެއިލްވަމުންގޮސް ކިޑްނީ އެއްކޮށް ފެއިލްވުމެވެ.

ކިޑްނީ ފެއިލްވުމުން ފެންނަ ބައެއް ޢަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ އެއްޗިއްސަށް ބަދަލުއައިސް، ކުޑަކަމުދާ އެއްޗެހީގައި ލޭގެ ކުލަ ހުރުމާއި، ގައިގެ އެތަންމިތަން ހިރުވުމާއި، މާބޮޑަށް ވަރުބަލިވުން ހިމެނެއެވެ. ހަމައެހެންމެ އަތާއި ފަޔާއި މޫނު ދުޅަވުމާއި، ނޭވާ ކުރުވުމަކީވެސް މިކަމުގެ ޢަލާމާތެކެވެ. މިފަދަ ޢަލާމާތްތައް ކުއްލިއަކަށް ފެންނާކަށް ނުފަށަފާނެއެވެ. އަދި ބައެއް ޙާލަތްތަކުގައި ކިޑްނީ ފެއިލްވެފައިވާކަން އެތައް ދުވަހެއްފަހުންވެސް އެނގުން އެކަށީގެންވެއެވެ.

އައިޖީއެމްއެޗްގެ ޑައިލިސިސް ސެންޓަރ- ފޮޓޯ: ޕީއެސްއެމް

ކިޑްނީ މުޅިން ފެއިލްވެއްޖެނަމަ އިޚްތިޔާރުކުރުން އޮތީ ދެ ފަރުވާއެކެވެ. އެއީ ޑައިލިސިސްހެދުން ނުވަތަ ކިޑްނީ ޓްރާންސްޕްލާންޓް ކުރުން ނުވަތަ ކިޑްނީއެއް ލެއްވުމެވެ. ޢާއްމުގޮތެއްގައި ޑައިލިސިސް ހަދަންޖެހެނީ ކިޑްނީގެ މަސައްކަތް %15 އަށް ނުވަތަ އެއަށްވުރެ ދަށަށް ދިއުމުންނެވެ.
ރާއްޖޭގައި ޑައިލިސިސްގެ ޚިދުމަތަކީ މީގެކުރިން ލިބެންނެތް ޚިދުމަތެކެވެ. މިޚިދުމަތް ހޯދުމަށް އަވައްޓެރި ޤައުމުތަކަށް ދަތުރުކޮށް، މިކަމަށް ވަރަށް ބޮޑު ޚަރަދެއްވެސް ކުރަންޖެހެއެވެ. އަދި އެތައް ދުވަހެއް ޤައުމުން ބޭރުގައި ހޭދަކޮށް ދަތި ދުވަސްތައް ހޭދަކުރަންޖެހެއެވެ. ނަމަވެސް ރާއްޖޭގައިވެސް ޑައިލިސިސްގެ ޚިދުމަތް ފަސޭހަކަމާއެކު ހޯދޭނޭ އިންތިޒާމް މިހާރު މިވަނީ ހަމަޖެހިފައެވެ. އައި.ޖީ.އެމް.އެޗްގައި ޤާއިމުކޮށްފައިވާ ޑައިލިސިސް ސެންޓަރުން ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް 50 އާއި 60 ދެމެދުގެ އަދަދެއްގެ މީހުން މި ޚިދުމަތް ހޯދައެވެ. ޑައިލިސިސްގެ ފަރުވާ ލިބިގަންނަ މީހާ ސަމާލުކަން ދޭންވީ، ޞިއްޙީ ފަރުވާ ދެއްވާ ބޭފުޅުންގެ ލަފަޔާއި، އިރުޝާދާ އެއްގޮތަށް އޭނާގެ ދިރިއުޅުމުގެ ވައްޓަފާޅި މިފަރުވާޔާ ގުޅޭގޮތަށް ބައްޓަން ކުރުމަށެވެ.

 

Advertisements